މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” ހުޅުވުމުގެ ރަސްމިއްޔާތުގައި، ޒަކާތާ ގުޅޭ މުހިންމު ހަތަރު ފޮތެއް މޯލްޑިވްސް އިން މިއަދު އާންމުކޮށްފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި މި އެކްސްޕޯ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، އެ އިދާރާގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ އަލަށް ނެރުނު ފޮތްތައް އެމަނިކުފާނަށް އަރުވާފައެވެ. އޭގެ ތެރޭގައި ޒަކާތާއި އަޤީދާ، ޒަކާތާއި ޞަދަޤާތްދިނުމުގެ މުހިންމުކަން، ޞަދަޤާތްދޭ މީހުންގެ ސިފަތަކާއި އަދަބުތައް، އަދި ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ ހިމެނޭ ފޮތްތައް ހިމެނެއެވެ. މީގެ އިތުރުން “ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް” މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަން ވެސް ރައީސަށް ވަނީ ވެދުންކޮށްފައެވެ.
މިއަދުން ފެށިގެން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ އާންމުންނަށް ހުޅުވާލާފައިވަނީ ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ. ޒަކާތު ހައުސްގެ ސްޓޯލުން އާންމުންނަށް ގިނަ މައުލޫމާތުތަކެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، އެކްސްޕޯގެ ތެރެއިން ދީނީ ޢިލްމުވެރިންނާ ސުވާލުކުރުމުގެ ފުރުސަތާއި، ޒަކާތު ހައުސްގެ މަޝްރޫއުތަކުގެ މައުލޫމާތު ލިބޭނެއެވެ. ހާއްސަކޮށް މިހާރު ހުޅުވާލާފައިވާ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ މައުލޫމާތު ދިނުމާއި ފޯމު ދޫކުރުން ވެސް ސްޓޯލުގައި ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ކުއިޒްތަކުން ކޮންމެ ދުވަހަކު ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެކްސްޕޯ ނިމުމުން ހުރިހާ ބައިވެރިންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ގްރޭންޑް ޕްރައިޒެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޒަކާތާ ގުޅޭ ފޮތްތަކާއި މައުލޫމާތު ކަރުދާސް ހިލޭ ލިބޭނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

