ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 99 ކަނދުފަތި އަޅާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ އެއް ސަރުކާރަކުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ކަނދުފަތި އެޅި ފުރަތަމަ ފަހަރެވެ.
މަސްވެރިކަމުގެ ސިނާއަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ގާއިމުކުރި މި ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ، ދޮށީގެ މަސްވެރިކަމަށް ހާއްސަ 47 ކަނދުފައްޗާއި، ވަނދު މަސްވެރިކަމާއި ސްޕޯޓްސް ފިޝިންއަށް ހާއްސަކޮށްގެން އެޅި 52 ކަނދުފައްޗެވެ. މި ފިޔަވަޅަކީ މަސްވެރިންގެ ޒަމާންވީ ޝަކުވާތަކަށް ހައްލެއް ހޯދައިދީ، މަސް ބާނާ މިންވަރު އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ކަނދުފަތި އެޅުމުގެ އިތުރުން، މަސްވެރިކަމުގެ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސް އުޅަނދުފަހަރުގައި ލޮނުފެން ގަނޑުކޮށްގެން މަސް ރައްކާކުރެވޭނެ (RSW) ނިޒާމުތައް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުން ހިމެނެއެވެ.
މަސްވެރިންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކަޅުބިލަމަސް ކިލޯއެއް 20 ރުފިޔާގެ މަގުން ގަންނަން ފެށުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ކަނދުފަތިތައް މެދުވެރިކޮށް މަސްވެރިންނަށް ފަސޭހަކަމާއެކު މަސް ހޯދޭނެ މަގު ފަހިކޮށްދީ، މުޅި ސިނާއަތުގެ އުފެއްދުންތެރިކަން ކުރިއަށް އޮތް ތަނުގައިވެސް އިތުރުކުރުމެވެ.

