އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުން ނަގާ ޓެކްސްއިން ބޮޑު ލުޔެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ "ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް" (އާރުއައިސީ) ކަނޑާލަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުން ނަގާ މި ޓެކްސަށް މައާފުދީ ގެނައި ބަދަލު ރަސްމީކޮށް އިއުލާންކޮށް، އިންޑިއާގެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ އިއުލާނުގައިވާ ގޮތުން ރާއްޖޭގެ އިތުރުން މޮރިޝަސްއަށް ވެސް މިހާރު ވަނީ މި ލުއި ދީފައެވެ. ގެޒެޓުގައި އެ ނިންމުން ޝާއިއުކުރި ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ވެސް ފަށާފައިވާ ކަމަށް އިންޑިއަ ސަރުކާރުން ހާމަކޮށްފައިވެއެވެ.
މި ބަދަލާ އެކު އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވެ އިންޑިއާ މެދުވެރިކޮށް ތެޔޮ އެތެރެކުރުމަށް އިތުރު ލުއިތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން އިންޑިއާއިން މި ލުއި ދެމުން އައީ އަވަށްޓެރި ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީ ލަންކާއަށެވެ.

