ދައުލަތުން ދޫކޮށްފައިވާ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމުން ހާމަވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މާލީ ސިޔާސަތުގެ ހަރުދަނާކަން ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި “ފައިނޭންޝަލް ސެކްޓަރ އެވޯޑްސް” އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މާލީ އިދާރާތަކުގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމާއި، ސަރުކާރުގެ ހަރުދަނާ މާލީ މެނޭޖްމަންޓުގެ ސަބަބުން ރާއްޖެއިން ދައްކަންޖެހޭ ސޮވެރިން ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވާއިރު، މިއީ ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށެވެ.
ދުރާލާ ރޭވުނު ހަރުދަނާ މާލީ ސިޔާސަތުތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި އެއްބާރުލުމުގެ ސަބަބުން ސުކޫކު އަނބުރާ ދެއްކުނު ކަމަށާ، މި މަސައްކަތުގައި ސަރުކާރަށް އެހީތެރިވެދީ އެމްއެމްއޭއިން އަދާކުރީ މުހިއްމު ދައުރެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ މި ކާމިޔާބީއާއެކު ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން އިތުރުވެފައިވާ ކަމަށާ ސުކޫކް ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށެވެ. އަދި އެ އަދަދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަން ފާހަގަކުރައްވައި، މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ އިތުބާރު ރާއްޖެއަށް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ދަށްކުރެވިފައިވާ ކަމާއި، ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ މިވަނީ ކުރީގެ ޙާލަތަށް ރުޖޫއަކުރެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމްއެމްއޭއިން ވޭތުވެދިޔަ 45 އަހަރު ދުވަހު ރާއްޖޭގެ މާލީ ނިޒާމު ތަރައްގީ ކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން، ސަރުކާރުގެ މާލީ ސިޔާސަތުތައް ކާމިޔާބު ކުރުމުގައި މަރުކަޒީ ބޭންކުން އަދާކުރާ ދައުރު މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ގައުމުގެ މާލީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މުހިންމުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ބައެއް ފަހަރު މާލީ ސިޔާސަތުތައް އެކުލަވައިލުމުގައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް، އެއީ ގައުމީ މަސްލަހަތާއި އަންނާން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ކޮންމެހެން ބޭނުންތެރި ނިންމުންތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

