ފަލަސްތީނާއެކު ދިވެހިރާއްޖެ ދެމި އޮންނާނެ ކަމަށާ މި ސަރުކާރު އަބަދުވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާމަކުރުމުގެ އިތުރުން އެކަން އަމަލުންވެސް ދައްކަވައިފިއެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި އަހަރަކު 50,000 އެމެރިކާ ޑޮލަރު ހަދިޔާކުރުމަށް ނިންމާ އެކަން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ. އެކަން އިއުލާނުކޮށްފައިވަނީ، އދ. ގެ މައި މަރުކަޒުގައި ބޭއްވި "އަންރުވާ ޕްލެޖިން ކޮންފަރެންސް" ގައި ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުޙައްމަދުއެވެ،
ޑރ ނަސީރު ވިދާޅުވީ، އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ނިންމުމެއް ނޫން ކަމަށެވެ. އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަޤުވާމީ ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ޙިމާޔަތްކުރުމާ ގުޅުންހުރި މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަންރުވާގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ އިދާރާއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކަށް އިޝާރާތް ކުރައްވައި، އަންރުވާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު އޮންނާނެކަން ޑރ. ޢަލީ ނަސީރު ތަކުރާރު ކުރެއްވިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީނއ ހާމަކުރައްވާފައިވާ ގޮތުގައި، އެ އެހީއަކީ އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ އެޖެންސީ މެދުވެރިކޮށް ފޯރުކޮށްދޭ އެހީއެކެވެ. ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަން ސަފީރު ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ފަލަސްތީނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ރާއްޖެއިން އަންނަނީ ކޮންމެ އަހަރެއްގައިވެސް މާލީ އެހީ ފޯރުކޮށްދެމުން ދާއިރު ކުރިން ދެމުން އައި 5،000 ޑޮލަރު ދިހަ ގުނަ އިތުރު ކޮށްދެއްވާފައި މިވަނީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ.
އެހެންކަމުން ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަން ވިދާޅުވުމުގެ އިތުރުން އެކަން އަމަލުންވެސް ރައީސް މުއިއްޒުއާ އެމަނިކުފާނުގެ ސަރުކާރުން މިވަނީ ހާމަކޮށްދެއްވާފައެވެ.

