ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ޗައިނާގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ރަސްމީ ދަތުރެއް ފަށައިފިއެވެ. މިއަދުން ފެށިގެން ޖުލައި 11، 2026 ގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މުހިއްމު މުއައްސަސާތަކާއި ކުންފުނިތަކުން ބައިވެރިވެއެވެ.
މި ވަފުދުގައި ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާގެ އިތުރުން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)، ގައުމީ އެއާލައިން މޯލްޑިވިއަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަދަނީ ޖަމްއިއްޔާތައް ހިމެނެއެވެ. މި ދަތުރުގައި ޗައިނާގެ ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫ ފަދަ މުހިއްމު ސިޓީތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަފުދުގެ އިސްބޭފުޅުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ސްޓޭޓް މިނިސްޓަރު ހާރިސް މުހައްމަދާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ.
މި ދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. ދުނިޔޭގެ މަސްރަހަށް އަންނަ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދެމެހެއްޓުމަށްޓަކައި، މުހިއްމު މާކެޓުތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނާއި، އެ ގައުމުގެ އެއާލައިންތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާ ބައްދަލުކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށްޓަކައި ހާއްސަ ނެޓްވޯކިން ހަރަކާތްތަކެއް ޗައިނާގެ އެކި ސިޓީތަކުގައި ކުރިއަށް ގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 168,677 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19.8 އިންސައްތައިގެ ކުރިއެރުމެކެވެ.

