2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން ކުރިއަށްގެންދާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް، ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން މިނިވަންކަމުގެ މުހިންމުކަމާއި، ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް ދިރުވުމަކީ ވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.
މި މުބާރާތުގައި ކެމެރާގެ ލެންސް މެދުވެރިކޮށް ސަގާފީ އުފާފާޅުކުރުންތަކާއި، ގުދުރަތީ ރީތި މަންޒަރުތަކާއި، ތާރީޚީ ބިނާތަކުގެ އިތުރުން ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ދިވެހިންގެ އަމިއްލަ އުފެއްދުންތަކާއި، މުޖުތަމަޢުގެ ބަދަހި ގުޅުންތަކުން ފެންނަ މިނިވަންކަމުގެ އިހުސާސްތައް ފޮޓޯއެއްގެ ސިފައިގައި ހުށަހެޅުމަށް ވަނީ މަގުފަހިކޮށްދީފައެވެ.
މި މުބާރާތުން އެންމެ މޮޅު ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި، އެ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޮޓޯއެއް ބަލައިނުގަންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 3336868 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ. މުބާރާތުގެ އުޞޫލުތައް މިހާރު ވަނީ އާންމުކޮށްފައެވެ.

