ގާރލް ގައިޑުން ބިނާކޮށްދެނީ ގައުމަށް ބޭނުންވާ ފަދަ ހަރުދަނާ އަންހެނުން ކަމަށް ފަރސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހި ގާރލް ގައިޑް ޚިދުމަތް ގައުމީ ފެންވަރުގައި ފާހަގަކުރަން ފެށުމާއެކު ބޭއްވި ފުރަތަމަ ހަފްލާގައި ޗީފު ގައިޑުވެސް ޙައިޞިއްޔަތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގައި ގާލް ގައިޑުގެ 75 އަހަރުވީ ދިގު ތާރިޚުގެ ތެރެއިން އެ ޚިދުމަތުގެ ބޭނުންތެރިކަން އެކި ދުވަސްވަރު މަތިން ފެނިގެން ގޮސްފައިވާ ކަމަށެވެ. މިވީ ތާރީޚުގެ ތެރެއިން މިއަހަރު ފުރަތަމަ ފަހަރަށް ގާލް ގައިޑު ޚިދުމަތް ސަރުކާރުން ބަލައިގަނެ އެކަމަށް ޚާއްޞަ ދުވަހެއް ފާހަގަކުރަން ފެށުމަކީ އެ ޚިދުމަތައް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަން ފާހަގަކުރައްވާފައެވެ.
ގާރލް ގައިޑް ހަރަކާތަށް މިފަދަ ބޮޑު އަހައްމިއްޔަތެއް ދެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް އެކަމަނާ އަދާކުރެއްވިއެވެ.
ރާއްޖޭގައި ގާރލްގައިޑް ޚިދުމަތުގެ ތާރީޚަށް އަލިއަޅުވާލައްވަމުން އެކަމަނާ ވިދާޅުވީ، މި ޚިދުމަތް އެންމެ ފުރަތަމަ ފެށުނީ 1950 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ. އަދި ފެށުނީއްސުރެ ގާރލް ގައިޑުންނަކީ ގައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރަމުން އަންނަ ބައެއްކަން ފާހަގަކުރައްވައި، މީގެ ބައިގަރުނަށް ވުރެ ކުރިން ސަރުކާރުގެ ޕްރޮޓޮކޯލް ކަންކަން ބެލެހެއްޓުމުގައިވެސް ގައިޑުން މުހިންމު ދައުރެއް އަދާކުރިކަން ހަނދާން އާކުރެއްވިއެވެ. އޭރު އެފަދަ ފަންނީ ހުނަރު ހުންނަ މީހުން މަދުވުމުން، ގާރލް ގައިޑުންގެ ޚިދުމަތް ވަރަށް ބޮޑަށް ބަލައިގަތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، 13 މާރިޗު 1972 ގައި އިނގިރޭސި ރާނީ އެލިޒަބެތު ދޭއް ރާއްޖެ ވަޑައިގެންނެވިއިރު، ދިވެހި ގައިޑުން އެކި ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނުކަންވެސް މެޑަމް ފާހަގަކުރެއްވިއެވެ.
ގާރލްގައިޑް ޙަރަކާތުގެ ތެރެއިން ގަޑިއަށް ފަރުވާތެރިވުމަށާއި، މުރާލިވެ ޒިންމާތަކަށް ފަރުވާތެރިވާން ދަސްކޮށްދޭ ކަމަށެވެ. އަދި ނުރަނގަޅު ވިސްނުންތަކާއި ޚިޔާލުތަކާއި ދުރުވެ، ތޫނުފިލި ސިނކުޑިއެއް ލިބިގަތުމެއް ދަސްކޮށްދީ އިންސާނީ އެހީތެރިކަމަށް ގައިޑު ޙަރަކާތުން ބާރުއަޅާ ކަމަށެވެ.
ގައުމު ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުން ކަމަށާއި، އެގޮތުން އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭ ކަމަށެވެ. ގާރލްގައިޑް ހަރަކާތަކީ މީހުން ބިނާކުރުމުގެ މިފަދަ ވަރުގަދަ ޙަރަކާތެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ. އެގޮތުން ގާރލް ގައިޑުން ބިނާކޮށްދެނީ ގައުމަށް ބޭނުންވާ ފަދަ ހަރުދަނާ އަންހެނުން ކަމަށާ އަދި މިއީ އިޖުތިމާއީ ގޮތުންނާއި، ގައުމީ ގޮތުން އަދި ބައިނަލްއަޤުވާމީ ގޮތުން ވެސް ރާއްޖެއަށް ވަރަށް މުހިންމު ދުވަހެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

