ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި، ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމަކީ މާތްﷲގެ ލައުނަތް ލެއްވިގެންވާ ބޮޑު ފާފައެއްކަމަށް ބަޔާންކޮށް، އެކަމުގެ ނުރައްކާތެރިކަމުގެ މައްޗަށް ރައްޔިތުން ހޭލުންތެރިކުރުވައިފިއެވެ. “ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން” މި މައުޟޫއަށް ދިން ހުތުބާގައި، ކޮރަޕްޝަނަކީ މުޅި އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި، ކޮރަޕްޝަނަކީ ނާޖާއިޒު އަމިއްލަ މަންފާއެއް ހޯދުމަށް ނުވަތަ ފޯރުކޮށްދިނުމަށްޓަކައި، ތިމާއާ ހަވާލުކުރެވިފައިވާ މަގާމެއްގެ ނުފޫޒު ނުވަތަ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ހިންގާ ކޮންމެ އަމަލެކެވެ. ކޮންމެ މީހަކާވެސް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަކީ އަމާނާތެއްކަން ފާހަގަކުރައްވައި، އަމިއްލަ ފައިދާއަށްޓަކައި މަގާމުގެ ބޭނުންކުރުމަކީ އެ އަމާނާތަށް ހިޔާނާތްތެރިވުން ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
މިއަދުގެ މުޖުތަމައުގައި ފެތުރެމުންދާ ރިޝްވަތުގެ ނުރައްކަލަށް އަލިއަޅުވާލަމުން ހުތުބާގައި ނަސޭހަތްތެރިވީ، ރިޝްވަތަކީ ހައްގުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާތިލު އެއްޗެއް ހައްގު އެއްޗެއްގެ ގޮތުގައި ދެއްކުމަށްޓަކައި ދެވޭ ކޮންމެ އެއްޗެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ގެ ހަދީޘް ބަސްފުޅެއް ހަނދާންކޮށްދެމުން ހުތުބާގައި ބުނީ، “ރިޝްވަތުދޭ މީހާއަށާއި ރިޝްވަތު ހިފާ މީހާއަށް މާތްﷲގެ ރަސޫލާ ލައުނަތް ލެއްވި” ކަމަށެވެ. މިއީ އިލާހީ ކޯފާއަށް އިންސާނާ ހުށަހެޅިގެންދާނެ ބޮޑު ފާފައެއްކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ކޮރަޕްޝަނުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ހުތުބާގައި ބުނެފައިވަނީ، އޭގެ ސަބަބުން އިޖުތިމާއީ އަދުލުވެރިކަން ނެތިގޮސް، ފަގީރުކަން އިތުރުވެ، އިގުތިސާދުގެ ތަނބުތައް ފުނޑުފުނޑުވާ ކަމަށެވެ. މިއީ ގައުމުގެ ތަރައްގީއަށް ހުރަސްއެޅި، ނާއިންސާފާއި ބިރުވެރިކަން އާންމުވުމަށް މެދުވެރިވާ ސަބަބެއް ކަމަށްވެސް ފާހަގަކުރިއެވެ.
ފަސާދައާއި ރިޝްވަތަށް މަގުފަހިވާ މައިގަނޑު ސަބަބަކީ ނަފުސުގެ ދަހިވެތިކަން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. ހަގީގީ މުއްސަނދިކަމަކީ މުދާ ގިނަވުން ނޫން ކަމަށާއި، އެއީ ނަފުސުގެ ފުދުންތެރިކަން ކަމަށް ބުނެ، ހަރާމް މަންފާއަށް ދަހިވެތިވެ ދީނާއި ނަފުސުގެ ކަރާމާތް ވިއްކާނުލުމަށް ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮރަޕްޝަނަކީ ކަން ހިނގާ އާންމު އުސޫލު ކަމަށް ގަބޫލުކޮށް އެކަމަށް ހެއްލުންތެރި ނުވުމަށްވެސް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

