ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތަށް ބަދަލު ގެނެސް ޤަވާއިދު އިސްލާޙްކޮށްފިއެވެ.
އެގޮތުން ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނަިއ ބަދަލުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ބަދަލަކީ، ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފަރ ޓައިމެއް ލިބޭ ގޮތަށް ހަމަޖައްސާ ގެނައި އިސްލާޙެވެ. އެ އިސްލާހާއެކު، މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރެވޭނެއެވެ.
އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށް އިސްލާހުގައިވެއެވެ. މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފަރ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭއިރު ބަފަރ ޓައިމްގެ ތެރޭގައި ހާޒިރުވާ ނަމަ ސަބަބު ބަޔާންކޮށް އެޗުއާރު ސެކްޝަނަށް އަންގަން ޖެެހޭނެއެވެ.
ނަމަވެސް ބަފަރ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނީ ކަމަށް ކަމަށާ ބަފަރ ޓައިމަށް 30 މިނެޓުގެ ވަގުތެއް ކަނޑައަޅާފައިވާއިރު އެ ވަގުތުގެ ތެރޭ އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.
މިސްކިތު މުވައްޒަފުންގެ މަސައްކަތުގެ ވަގުތުވެސް ގަވާއިދުގައި ހިމަނާފައިވާއިރު، މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާން ޖެހެއެވެ. އަދި މިސްކިތުގެ މަސައްކަތުގެ މުވައްޒަފުން ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތް ފޮޅާ ސާފުކޮށް ނަމާދު ވަގުތަށް މިސްކިތް ތައްޔާރުކުރުމަށާއި ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ނަމާދު ވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާންޖެއެވެ.
ކޮންމެ ނަމާދު ވަގުތަކަށް މަދުވެގެން 30 މިނެޓް މިސްކިތުގައި ހޭދަކުރަންވާނެކަމަށްވެސް ޤަވާއިދުގައިވެއެވެ. މީގެ އިތުރުން މިސްކިތުގެ މަސައްކަތު މުވައްޒަފުން މަދުވެގެން ދުވާލަކު 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރަންޖެހޭނެކަމަށް ޤަވައިދުގައި ވަނީ ހިމަނާފައެވެ.

