މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މި ފުރުޞަތު ހުޅުވާލާފައިވަނީ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަކަށް މެންބަރުން އައްޔަންކުރުމަށެވެ.
ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލާ އެއްގޮތަށް ކަމަށެވެ.
އެގޮތުން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސިލެކްޝަން ކޮމިޓީން 3 ނަން ޝޯޓްލިސްޓް ކުރާނެއެވެ. އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން (ސީއެމްޑީއޭ) އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ. ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ބޯޑަށް ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ބޯޑަށް ކުރިމަތިލަ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކަކީ:
* ދިވެހިރައްޔިތަކު ކަމުގައިވުން
* އުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން
* ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ޑިގުރީ ޙާޞިލުކޮށް، އެއިން ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ލިބިފައިވުން
* ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން
* ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން
* ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ކުންފުންޏެއް ކޮންޓްރޯލްކުރާ
ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން މިއެވެ.
މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު ގޫގުލް ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ޕެންޝަން އޮފީހުން ވަނީ އެދިފައެވެ. ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި މާކްސް ދޭނެ އުސޫލު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް މިހާރު ވަނީ އެ އޮފީހުން ޝާޢިއުކޮށްފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ ވުޒާރާގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފެއްގެ އިތުރުން ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.
2009 ވަނަ އަހަރު ޤާއިމްކުރި ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާއެވެ.

