މަސްތުވާތަކެތި އެތެރެ ކުރެވޭ އަދަދު މަދުކޮށް، މުޖްތަމައުގެ ތެރޭގައި ދައުރުވާވަރުވެސް މަދު ކުރެއްވިޖެ ކަމަށް ރައީސުލްޖުމްޖޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.
މި ވެރިކަން އައިއިރު މަސްތުވާތަކެތީގެ ކަންކަން ފުލުހުންގެ ތެރޭގައިވެސް އޮތްކަން ހާމަކުރައްވާ ރައީސް ވިދާޅުވެފައިވަނީ، މި ސަރުކާރުގައި އެކަންކަން ވެސް މިހާރު ކޮންޓްރޯލުކުރެވިއްޖެ ކަމަށެވެ. އެގޮތުން އެ މަނިކުފާނު ވެރިކަމަށް ވަޑާއިގެންނެވި އިރު ފުލުހުން ތެރޭގައި މަސްތުވާތަކެތީގެ ކުށާއި ނުބައި ނުފޫޒުތައް ވަރަށް ގިނަ ކަމަށާ އޭގެ ތެރޭގައި ފުލުހުން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖްތަމައުއަށް ނެރުން ފަދަ ބޮޑެތި ކުށްތައް ހިމެނޭ ކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
އެވަކިތައް ވެސް ނައްތާލާ އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާގެ ތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ.
ރައީސް
މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނީ މި މައްސަލައިގެ ހަޤީޤީ ރޫޓްކޯޒް ނުވަތަ އަސްލު ސަބަބުތައް ހޯދައި އެކަންތައްތަކަށް ފަރުވާދެވިގެންކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ހާމަކުރެއްވިއެވެ.
ސަރުކާރުން މި މައްސަލަތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމުގައި، މިކަމާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަށް، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމާއި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނަށް އެކިކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި ކުދިކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުންފަދަ ކަންކަން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ޙައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

