ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ރީހެބިލިޓޭޓް ކުރަން ހަދާ “ހޯޕް އައިލެންޑް” ގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއްނުވެ ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫޢަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށާއި، މި ދައުރުގެ ތެރޭގައި މަސައްކަތް ނިންމައި ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. ޒުވާނުން ކުށަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ބޯހިޔާވަހިކަމާއި އާމްދަނީ ލިބޭނެ ފުރުޞަތުތައް ފަހިކޮށްދިނުން ފަދަ އަސާސީ ކަންކަން ޙައްލުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުތުރުތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ މި ރަށަކީ 700 މީހުންގެ ޖާގައަށް ޚާއްޞަކޮށްގެން އެންމެ ޒަމާނީ ފެންވަރުގައި ހަދާ ތަނެކެވެ. މި މަޝްރޫޢުގެ ދަށުން ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްޞަ ޔުނިޓްތަކާއި، ޞިއްޙީ ޚިދުމަތްދޭނެ ތަނެއްގެ އިތުރުން ތަޢުލީމާއި ތަމްރީނު ދޭނެ ސަރަޙައްދުތައް ޤާއިމްކުރެވޭނެއެވެ.
މި ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި:
- ކުދިންނަށް އަސާސީ ތަޢުލީމާއި، ދީނީ ތަރުބިއްޔަތު ދިނުން.
- ސައިކޯ ސޯޝަލް އިންޓަވެންޝަން (ތެރަޕީ) ޕްރޮގްރާމްތައް ހިންގުން.
- ކޮންޓެކްޓް ސްޕޯޓްސް އާއި ކުޅިވަރުގެ އެކި ވަސީލަތްތައް ބޭނުންކުރުން.
މި ތަނަށް ގެންދާ ކުދިން ޢުމުރުން 18 އަހަރު ވަންދެން އެތަނުގައި ބައިތިއްބައިގެން ރީހެބިލިޓޭޓް ކުރާނެއެވެ. އަދި އޭގެ ފަހުން، ދިވެހި ފުލުހުންގެ ޚިދުމަތް ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތުގައި ވަކި މުއްދަތެއް ވަންދެން އެ ކުދިން މަސައްކަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

