ނަމާދު ވަގުތުތަކަށް ސަމާލުކަން ދިނުމަށާއި ދީނީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، “މަންފާ” ޖަމިއްޔާގެ ފަރާތުން “ބަންގި” ނަމުގައި ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ރޭ އިފްތިތާހުކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ހޯލުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އައްތިބްޔާންއިން ފަރުމާކޮށް ޑިވެލޮޕްކޮށްފައިވާ މި އެޕްލިކޭޝަނަކީ ނަމާދު ވަގުތުތަކުގެ އިތުރުން ދީނީ ގިނަ މައުލޫމާތުތަކެއް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕެކެވެ. “ބަންގި” އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ ނަމާދު ވަގުތު ޖެހުމުން ފޯނަށް ނޮޓިފިކޭޝަން ނުވަތަ މެސެޖެއް ފޮނުވައިދިނުމެވެ.
މީގެ އިތުރުން، ނަމާދުގައި ކިޔާ އެކި ޒިކުރުތަކާއި ދުއާތައް މި އެޕްގައި ހިމަނާފައިވާއިރު، އެ ތަކެތީގެ މާނަ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ކިޔާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެއް ނަމާދުން އަނެއް ނަމާދަށް ބާކީ އޮތް ވަގުތު ވެސް މި އެޕް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ދަތުރުވެރިންނަށާއި ރާއްޖޭން ބޭރުގައި އުޅޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ މީހަކު ހުރި ގައުމެއްގެ ނަމާދު ވަގުތުތައް ބަލާލުމުގެ އިންތިޒާމާއި، ގިބުލަ ދެނެގަނެވޭނެ ހިދުމަތް ވެސް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ.
މަންފާ ޖަމިއްޔާއިން ބުނީ މި އެޕްލިކޭޝަންގެ ސަބަބުން ދިވެހި މުޖުތަމައަށް ދީނީ ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށްފައިވަނީ މަންފާ އެކަޑަމީ ލޯންޗު ކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިންނެވެ.

