ކުއްލި ހާލަތްތަކާ ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުން އޮފީހަށް ހާޒިރުނުވެ، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ބަޔާންކުރާ އައު އުސޫލެއް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އިތުރުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި ސިވިލް ސަރވިސް ގަވާއިދުގެ 19 ވަނަ އިސްލާހުގެ ދަށުން، ވަކި ހާލަތްތަކެއްގައި މުވައްޒަފުންނަށް ރިމޯޓްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
މި ގަވާއިދުގެ ދަށުން އޮފީހަށް ހާޒިރުނުވެ މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ، ސިއްހީ މާހިރެއްގެ ލިޔުމަކަށް ރިއާޔަތްކޮށް، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާގެ ނިންމުމަކަށެވެ. މިގޮތަށް ހުއްދަ ދެވޭނީ މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތަކީ އޮފީހުން ބޭރުގައި ކުރެވޭނެ ފަދަ މަސައްކަތަކަށް ވުމާއެކު، އެ މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެކަށޭނަ މާހައުލެއް މުވައްޒަފަށް ލިބިފައިވާކަން ކަށަވަރުވުމުންނެވެ.
ގޭގައި ތިބެގެން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ސުޕަވައިޒްކޮށް މޮނިޓަރ ކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި މުވައްޒަފު ކުރާ މަސައްކަތުގެ ސަބަބުން އިދާރާއިން ދޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާކަން ކަށަވަރުކުރަން ޖެހެއެވެ. މީގެ އިތުރުން، އޮފީހަށް ހާޒިރުވާން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން އިދާރާއިން އަންގައިފި ނަމަ، މުވައްޒަފު ވަގުތުން އޮފީހަށް ހާޒިރުވާން ޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ހުރިހާ ދާއިރާއަކަށް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. ޓީޗަރުން، ނަރުހުން، އަދި ހިންގުމުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފަދަ، ކޮންމެހެން ހާޒިރުވެގެން މަސައްކަތް ކުރަންޖެހޭ ފަންނުތަކުގެ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ.
މި ފުރުސަތުގެ ބޭނުން ހިފާ މުވައްޒަފުން، މަސައްކަތުގެ މައުލޫމާތާއި ސިއްރު ހިފެހެއްޓުމުގެ އިގުރާރާއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެއެވެ. އަދި މުވައްޒަފުގެ މަސައްކަތް އެދެވޭ މިންވަރަށް ނުދާނަމަ، ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު ކަމާބެހޭ އިދާރާއަށް ލިބިގެންވެއެވެ.

