ނ. ވެލިދޫގައި ތަރައްގީކުރަމުންދާ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާލައި، މިއަހަރުގެ ފަހުކޮޅު އެތަނުން ހިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާކަން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު، އެމްއެމްޓީވީގެ “ބޮޑު ހަބަރު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރާޝިދު ވިދާޅުވީ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ވެލިދޫ ސެންޓަރުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. “ވެލިދޫގައި އިމާރާތްކުރާ ޑުރަގް ރީހެބިލިޓޭޝަން ސެންޓަރުގައި މިއަހަރުގެ ފަހުކޮޅު ހިދުމަތްދޭން ފެށޭނެ، އެވަރަށް އަޅުގަނޑުމެން އެބަ ތައްޔާރުވަން،” ރާޝިދު ވިދާޅުވިއެވެ. މީގެ އިތުރުން އެ ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަރުވާ ހޯދަމުންދާ މީހުންނަށް މަރުކަޒުތަކުގެ ތެރެއިން މަސްތުވާތަކެތި ލިބޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރާޝިދު ވިދާޅުވީ، ހިންމަފުށީގައި ހުންނަ ސެންޓަރަކީ ގަވާއިދުތައް ވަރަށް ހަރުކަށިކޮށް ތަންފީޒުކުރަންޖެހޭ ތަނެއް ކަމަށެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ސިއްރިއްޔާތުގައި އެތަނަށް ތަކެތި ވައްދައި، މުޖުތަމައުގައި އުޅޭ ފަދަ ގޮތަކަށް އުޅުމުގެ ފުރުސަތު އޮތްކަން އޭނާ ގަބޫލުކުރެއްވިއެވެ.
އެހެންނަމަވެސް، މިހާރު ކުރަމުންދާ މަސައްކަތަކީ އެފަދަ ކަންކަން ހުއްޓުވައި، ގާނޫނު ފުރިހަމައަށް ތަންފީޒުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ފަރުވާދޭ މަރުކަޒަކަށް މަސްތުވާތަކެތި ވެއްދުމަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެއްކަންވެސް ރާޝިދު ހަނދާންކޮށްދެއްވިއެވެ.
ރާއްޖޭގެ ރީހެބިލިޓޭޝަން ސެންޓަރުތަކުގެ ޖާގައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރާޝިދު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު މުޅި ރާއްޖޭގައި ހުރީ ގާތްގަނޑަކަށް 180 އެއްހާ ޖާގަ ކަމަށެވެ. ވެލިދޫ ސެންޓަރުގެ އިތުރުން، ކ. ކާށިދޫ އަދި ލ. ގަމުގައިވެސް އާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް އެ ސެންޓަރުތަކުގެ މަސައްކަތް ނިންމައި ހިދުމަތަށް ނެރުމެވެ.

