މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ބުރަ މަސައްކަތުން އުފައްދާފައިވާ، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރެވުނު ފިލްމު “ގިލަން” އޮލިމްޕަސް ސިނަމާގައާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ތަރުޙީބަކާއެކު ކާމިޔާބު ޝޯތަކެއް ދައްކަން ފަށައިފިއެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުޙައްމަދު ޤާސިމް ހަމަ އެ ނަމުގައި ލިޔެފައިވާ މަގުބޫލު ވާހަކައަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ބިރުވެރި ހާދިސާތަކެއް ކިޔައިދޭ ތަފާތު ފިލްމެކެވެ. މުޅިންވެސް ހުޅުމާލޭގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ދިވެހި ސިނަމާގެ އެންމެ ފުންނާބުއުސް ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު އާޒިފާ (އަޒޫ)، އަޙްމަދު ސަޢީދު، އާމިނަތު ނޫރާ، ދަރާ މުޙައްމަދު ރަޝީދު އަދި މަރިޔަމް ޝަކީލާއެވެ.
ފިލްމު “ގިލަން” ގެ ޓިކެޓު މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުގެ އިތުރުން،އޮންލައިން ޕޯޓަލް މެދުވެރިކޮށް ދަނީ ވަރަށް ހަލުވިކަމާއެކު ވިކެމުންނެވެ. އޮންލައިންކޮށް ޓިކެޓް ވިއްކަން ފެށުމާއެކު، ސިނަމާ ކައިރީގައި ދިގު ކިއޫތަކުގައި ނުޖެހި، ބެލުންތެރިން ބޭނުންވާ ދުވަހެއްގެ އަދި ބޭނުންވާ ޝޯއެއްގެ ޓިކެޓް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފާހަގަކުރެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފިލްމު ދެއްކުމަށް “އައިލެންޑް ސިނަމާ” އިން މިހާރު އަންނަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 50އަށްވުރެ ގިނަ ރަށުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިމަހުގެ 9ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސިޓީތަކުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް ސިނެމާއިން ބުނެއެވެ.

