ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ 131 ރަށެއްގައި ކުރިއަށްދާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވަނީ އިންތިހާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި މި ފަހަރުގެ އިންތިހާބަކީ ވަރަށް ވާދަވެރި ހަރަކާތަކަށް ވެގެންދާނެއެވެ. “މި އިންތިހާބުގެ ދާއިރާތައް ރަށު ދާއިރާތަކަކަށް ބަހާލެވިގެންދާއިރު 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ، މާނައަކީ 131 ރަށުގައި ވާދަވެރި އިންތިހާބެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،” އޭނާ ވިދާޅުވިއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމުތައް އަތޮޅުތަކުގެ އިތުރުން މާލޭގައިވެސް ހަމަޖެހިގެންދާނެއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ޕާޓީގެ ވޯޓާސް ލިސްޓު މިހާރު ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.
އިންތިހާބުގެ އުސޫލުތައް ބައްޓަންކޮށްފައިވާ ގޮތުން، ދާއިރާތަކުގެ ރައީސުންގެ މަގާމަށް މީހުން އިންތިހާބު ކުރާނީ އެ ދާއިރާއެއްގައި ޕާޓީގެ މަޖިލިސް މެންބަރަކު ނެތް ނަމައެވެ. މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ ޒިންމާ އުފުއްލަވާނީ ސީދާ އެ މެންބަރުންނެވެ. ޕާޓީން ބުނި ގޮތުގައި ވޯޓުލުމަށް ބޭނުންވާ އިދާރީ ހުރިހާ ތައްޔާރީތަކެއް މިހާރު ދަނީ ނިމެމުންނެވެ.
ދާއިރާތަކުގެ އިންތިހާބަށްފަހު، ޕީއެންސީގެ މަތީ މަޖިލިސް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ. މި އިންތިހާބަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ރަށްރަށުގައި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޕީއެންސީން ދެކެއެވެ.

