ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދޫކުރާ "އެޑްވާންސް މާޗަންޓް ސެޓްލްމަންޓް" ފައިނޭންސިންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސް، ވިޔަފާރިތަކަށް ލިބޭ މާލީ އެހީތެރިކަން އިތުރަށް ފުޅާކޮށްފިއެވެ. މި ބަދަލާއެކު ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާ މުއާމަލާތްތަކަށް ބަލައި ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
ބޭންކުން ބުނި ގޮތުގައި މި ހިދުމަތަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ މަރުހަލާ ލުއިކޮށްލުމެވެ. މިހާރު ހުށަހަޅާތާ އެންމެ ފަސް ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް އަވަހަށް އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، "ފައިނޭންސިންއަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ ފައިނޭންސިންގެ ސްކޯޕް އިތުރަށް ފުޅާކޮށް އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މާޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަހަމާއެކު ހަމަޖައްސައިދީ ވިޔަފާރިތައް އިތުރަށް ކުރިއެރުވުން" ކަމަށެވެ. މިއީ ދިވެހި ވިޔަފާރިވެރިންގެ މާލީ ބޭނުންތައް ފުއްދައިދިނުމަށް ގެނެވުނު މުހިންމު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިނޭންސަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ބީއެމްއެލް މާޗަންޓް ހިދުމަތް މެދުވެރިކޮށް މަދުވެގެން ހަ މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި މަހަކު އެވްރެޖްކޮށް 20,000 ރުފިޔާގެ ވިޔަފާރި ކާޑު މެދުވެރިކޮށް ކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައި އޮވެގެން ނުވާނެއެވެ.
ފައިސާ އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިވާނެހެން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. މި ހިދުމަތަށް ބޭންކުގެ އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެއެވެ. ބޭންކުން ބުނީ މި ބަދަލުތަކަކީ ވިޔަފާރިތަކުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީތެރިވެ، ދިގުމުއްދަތުގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

