ހއ. ކެލާގައި ހުރި ތާރީޚީ ބިނާއެއް ކަމަށްވާ ލިލީ ހައުސް މަރާމާތުކޮށް ނިންމުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ފުރިހަމަކުރެވޭނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫއަކީ އެ ވުޒާރާއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި މީގެ ކުރިން މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އައު ޕްލޭނެއްގެ ދަށުން މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ހީނާ ވިދާޅުވީ، “ވުޒާރާގެ ޓީމެއް ދިޔަ މަހުގެ ތެރޭގައި ކެލާއަށް ޒިޔާރަތްކޮށް ކުރަންޖެހޭ މަސައްކަތަށް އިތުރަށް ބަލައި ދިރާސާކޮށް އެސެސްމެންޓް ޕްލޭނެއް ހަދައި މިހާރު އެ ޕްލޭނުގެ ދަށުން އަލުން މަސައްކަތް ފެއްޓުމަށް މިހާރު ހަމަޖެހިފައިމިވަނީ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، މި އަހަރު ނިމެންވާއިރަށް ކެލާ ލިލީ ހައުސްގެ މަޝްރޫއު ނިމޭނެކަމަށް އަޅުގަނޑުމެންނަށް މި ލަފާކުރެވެނީ،” ކަމަށެވެ.
ކެލާ ލިލީ ހައުސްއަކީ ގާތްގަނޑަކަށް 80 އަހަރުގެ ދިގު ތާރީޚެއް އޮތް ބިނާއެކެވެ. 1700 އަކަފޫޓުގެ މި އިމާރާތަކީ އުވައިން ރާނާފައިވާ، ހިތްގައިމު ތަނބުތަކެއް ހިމެނޭ ތަނެކެވެ. މީގެ ކުރިން މިތަނަކީ މައުލޫދު ކިޔުމަށާއި ކުދިންނަށް އުނގަންނައިދިނުމަށް ބޭނުންކުރި މުހިންމު މަރުކަޒެކެވެ.
ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި ހުރި މިފަދަ އާސާރީ ބިނާތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މިފަދަ ތަރިކަތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

