ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ” އަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެކްސްޕޯގެ ގޮތުގައި އެ އޮތޯރިޓީން ކަނޑައަޅައިފިއެވެ. މިމަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
އެމްއެމްއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި އެކްސްޕޯއަށް 16،000 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 9 އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ފުރަތަމަ އެކްސްޕޯ ކަމަށްވާއިރު، މީގެ މައިގަނޑު މަގްސަދަކީ މާލީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމާއި، ރާއްޖޭގެ މާލީ ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމެވެ.
ޖުމްލަ 38 ސްޓޯލަކާއެކު ކުރިއަށްދިޔަ މި އެކްސްޕޯގައި، ބޭންކު އެކައުންޓް ހުޅުވުމާއި، ލޯނުތަކަށް އެދުމާއި، އިންޝުއަރެންސްގެ ހިދުމަތްތަކުގެ އިތުރުން މުސްތަގުބަލަށް ފައިސާ ރައްކާކުރާނެ ގޮތުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން، ކޮންމެ މީހެއްގެ މާލީ ހާލަތަށް އެންމެ އެކަށީގެންވާ ހިދުމަތްތައް ދެނެގަތުމަށް ބޭނުންވާ އަމަލީ އިރުޝާދުތައް ވެސް މާހިރުންގެ ފަރާތުން ވަނީ ލިބިފައެވެ.
އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ވެސް ވަނީ މި ހަރަކާތުގެ ކާމިޔާބީ ފާހަގަކޮށްފައެވެ. އެގޮތުން އެއް ސްޓޯލަކުން މައުލޫމާތު ދިން މީހަކު ބުނީ، “އެކްސްޕޯގެ ތެރެއިން ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ކަސްޓަމަރުން އައިސް އިންފޮމޭޝަން ހޯދައި އަދި މި ސްޓޯލްއިން އަޅުގަނޑުމެން ފޯރުކޮށްދޭ ގޭމްތައް ކުޅެފައިވާ” ކަމަށެވެ.
މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، މާލީ ދާއިރާގެ މާހިރުން ބައިވެރިވި ޕެނަލް މަޝްވަރާތަކާއި ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް މި އެކްސްޕޯގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްއެމްއޭއިން ވިދާޅުވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން މާލީ ނިޒާމުގެ ތެރޭގައި އާންމުން ބައިވެރިވާ މިންވަރު އިތުރުވެ، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެއެވެ.

