ފުލުހުންގެ މަރުކަޒެއްގައި ބަންދުކޮށްފައި ހުއްޓާ ފިލި މީހަކު ހޯދައި، އޭނާ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. ކުޑަހުވަދޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޒުވާނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އިތުރުން، ފުލުހުންގެ އަމުރަށް ތަކުރާރުކޮށް ނުކިޔަމަންތެރިވެފައިވާ ކަމުގެ ހެކި ވަނީ ހުށަހަޅާފައެވެ.
މި މައްސަލައިގެ ތަހުގީގު އޮފިސަރު ކޯޓުގައި ވިދާޅުވި ގޮތުގައި، އެ ޒުވާނާއަކީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިގެން ދިޔަ މީހެކެވެ. އޭނާ އެތަނުން ގޮސްފައި ވަނީ ފުލުހުންގެ އެއްވެސް ހުއްދައެއް ނެތި، އަދި އެތަނުން ނުދިއުމަށް ފުލުހުން ތަކުރާރުކޮށް އަންގާފައި ވަނިކޮށް ކަމަށްވެސް އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކުރެއްވިއެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، މައްސަލައިގެ ތަހުގީގު މަރުހަލާ ފުރިހަމަވަންދެން އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމުގެ އިހުތިޔާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވާ ކަމަށެވެ.

