ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން، އެ ގައުމުގެ ޓްރެވެލް އޭޖެންޓުންގެ މައި ޖަމިއްޔާ ކަމަށްވާ ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (ޖާޓާ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް، ޖާޓާގެ ރައީސް ކުނިހަރު އެބިނާއާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ފަތުރުވެރިކަމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ސަފީރު މަހްލޫފް ވިދާޅުވީ، ޖަޕާނުގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުން މިހާރަށްވުރެ ފުޅާކުރުމަށާއި، ދެ ގައުމުގެ ޓްރެވެލް އޭޖެންޓުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. މީގެ އިތުރުން، ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެ ފަރާތުން ހިޔާލު ބަދަލުކުރެއްވިއެވެ.
ސަފީރު މަހްލޫފް އުއްމީދު ކުރައްވާ ގޮތުގައި މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޖަޕާނާއި ރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ހަރުދަނާވެ، އޭގެ ހެޔޮ ނަތީޖާ ފެންނަން ފަށާނެއެވެ.
ދިވެހި ސަރުކާރުން މިހާރު ގެންގުޅުއްވާ ފަތުރުވެރިކަމުގެ ސިޔާސަތުގެ ދަށުން، ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތައް ސިންދަފާތުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، މިހާރު ފަތުރުވެރިން އައުން މަދު މާކެޓުތައް ދެނެގަނެ، އެ ގައުމުތަކުން ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

