ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރީގެ އެކި ޚިދުމަތްތަކަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން، ފުރިހަމަނުކޮށް ހުރި 12،500 އެޕްލިކޭޝަނެއް ބާތިލްވިޔަ ނުދީ ނިންމުމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން 14 ދުވަހުގެ ފުރުސަތެއް ދީފިއެވެ. މި އެޕްލިކޭޝަންތަކަކީ އެކި މަރުހަލާތަކުގައި މަޑުޖެހިފައިވާ ނުވަތަ ފައިސާ ނުދައްކާ ހުރި ހުށަހެޅުންތަކެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓްރެޓެޖީ އެންޑް ރަޖިސްޓްރީ ސަރވިސް ކޮންސަލްޓަންޓް ޔޫސުފް ނައީމް ވިދާޅުވީ، މިހާރު ސިސްޓަމުން ދައްކާ ގޮތުގައި ނުނިމި ގިނަ އަދަދެއްގެ ރިކޯޑުތަކެއް އެބަހުއްޓެވެ. މި އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް ދީފައިވާ މުއްދަތު ހަމަވާނީ 16 ޖުލައިވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށެވެ. އެ މުއްދަތުގެ ތެރޭގައި އިސްލާހު ނުކުރާ ނުވަތަ ފުރިހަމަ ނުކުރާ ހުރިހާ އެޕްލިކޭޝަންތަކެއް ޕޯޓަލްއިން އުނިކުރެވޭނެއެވެ.
ޔޫސުފް ނައީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެޕްލިކޭޝަންތައް ކެންސަލްވުމުން އެންމެ ބޮޑު ދައްޗަކާ ކުރިމަތިވާނީ ވިޔަފާރީގެ ނަން ރިޒާވްކުރަން ހުށަހަޅާފައިވާ ފަރާތްތަކަށެވެ. “ނަން ކެންސަލް ކުރެވިގެން ދިއުމުން ދެން 2 ވަނަ ފަހަރަށް އެ ނަން ބޭނުންވެގެން އަލުން އެޕްލައިކުރާއިރު އެ ނަން ނުލިބުމަކީ އެކަށީގެންވާކަމެއް،” އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ލިބިފައިވާ 14 ދުވަހުގެ ތެރޭގައި އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ނިންމާލުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.
ކުރިއަށް އޮތް ތަނުގައި ޕޯޓަލްގެ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި އާ އުސޫލުތަކަކަށް އަމަލުކުރަން ފަށާނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެއެވެ. އެގޮތުން، އެޕްލިކޭޝަނެއްގައި މައްސަލައެއް އުޅޭނަމަ އީމެއިލް، މޯބައިލް ފޯނު ނުވަތަ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރަށް ވަގުތުން ނޮޓިފިކޭޝަން ފޮނުވޭނެއެވެ.
މިގޮތަށް ފޮނުވާ ނޮޓިފިކޭޝަނާ އެއްގޮތަށް 3 ދުވަހުގެ ތެރޭގައި އިސްލާހު ނުގެނެސްފިނަމަ، ސިސްޓަމުން އަމިއްލައަށް އެ އެޕްލިކޭޝަނެއް ބާތިލްވާނެއެވެ. މި ބަދަލުގެ ސަބަބުން ސިސްޓަމް ތެރޭގައި އެޕްލިކޭޝަންތައް ތޮއްޖެހުން ހުއްޓުވި، ވިޔަފާރިވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދުކުރެއެވެ.

