މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި (މީސްލްސް) އެންމެ ގަދައަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި މިއަހަރު ރާއްޖެ ހިމެނިފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. 2017 ވަނަ އަހަރު ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް އިއުލާނުކުރި ނަމަވެސް، ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި މި ބަލި އަނެއްކާވެސް ވަނީ ފެންނަން ފަށާފައެވެ.
ޑރ. ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއެކު މި ލިސްޓުގައި ދެން ހިމެނެނީ އަވަށްޓެރި އިންޑިއާ، ބަންގްލަދޭޝް، ލަންކާ، ނޭޕާލް، މިޔަންމާ އަދި ތައިލެންޑެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 72 ވޭދަނައެއް ފެނިފައިވާއިރު، މީގެ ތެރެއިން ގިނައީ 14 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ފެނުނު ކޭސްތަކުގެ ތެރެއިން ކުޑަކުދިންގެ ގޮތުގައި ހިމެނެނީ އެންމެ ހަތަރު ކުދިންނެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑރ. ފައިސަލް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އެގޮތުން “މި ގައުމުތަކުން އަންނަ މަސައްކަތުމީހުންނަށް ވިސާދިނުމުގެ ކުރިން ހިމަބިހީގެ ވެކްސިން ފުރިހަމަކުރިތޯ ބަލަންޖެހޭ” ކަމަށާއި، ފަތުރުވެރިންގެ ކިބައިން ފެންނަ އަލާމާތްތަކަށްވެސް ސަމާލުވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި، ބަލި ޖެހިފައިވާ މީހަކު ފެނުމާއެކު އެކަން ދެނެގަތުމުގެ އިންވެސްޓިގޭޝަންތައް ދަނީ ކުރިއަށެވެ. އަދި ބަލިމީހާއާ ގާތުން އެއްތަންވި ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެޗްޕީއޭއިން ފާހަގަކުރާ ގޮތުގައި، ދިފާއީ ބާރު ދެރަ މީހުންނާއި ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް މި ބަލި ޖެހުމުގެ ނުރައްކާ ބޮޑެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ. އާންމުކޮށް ބިހިތައް ފުރަތަމަ ފެންނަން ފަށާނީ މޫނާއި ކަރުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ބައިތަކަށް ބިހިތައް ފެތުރިގެންދެއެވެ.

