ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ސަބަބުން އެ ހޮސްޕިޓަލަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
އިބްރާހިމު ޢަބްދުއްރައްޒާޤު ޙަލީމް މިފަދައިން ވިދާޅުވީ، ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނެވެ.
އިބްރާހިމު ޢަބްދުއްރައްޒާޤު ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން އެތަނަކީ މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އަދި އެންމެ ޚާއްސަ އެއް މަރުކަޒު ކަމަށެވެ. އަދި އެ ސެންޓަރުން ފޯރުކޮށްދެނީ ނަމޫނާ ޚިދުމަތެއްކަން ފާހަގަކުރައްވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އާންމުންގެ އިތުބާރު ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސެންޓަރާއިއެކު ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލި ރާއްޖޭގައި ތިބެެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެފައިވުމަކީ ބަލި މީހުންނަށް ލިބުނު ލުއިފަސޭހައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިތުގެ ބަލިމީހުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ނިސްބަތް ދަށްކުރެވިފައިވާ ކަމަށާއި، މި ދާއިރާއިން ޤާބިލް މީހުން ބިނާކުރުމުގައިވެސް ސެންޓަރުން މުހިންމު ދައުރެއް އަދާކުރާކަންވެސް ސީއީއޯ ފާހަގަކުރައްވާފައިވެއެވެ.
އެ ސެންޓަރުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށާއި، ކުރިއަށްވެސް މުހިންމު އަމާޒުތަކެއް ހުރިކަމަށް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް ރާވާފައި ހުރި މުހިންމު ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާ ވިދާޅުވެފައިވަނީ، ފެބްރުއަރީ މަހު ޚިދުމަތް ފަށާފައިވާ، އައްޑޫސިޓީގެ ކެތުލެބުގެ ޚިދުމަތް ކާމިޔާބު ކަމާއިއެކު ކުރިއަށްދާކަމަށެވެ.
މިހާތަނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި 38 އެންޖިއޯގްރާމް، 20 އެންޖިއޯ ޕްލާސްޓީ، ކެރޮޓެޑް އާޓަރީގެ އެއް އެންޖިއޯގްރަފީ، އެއް ޕޭސް މޭކަރ އަދި އެއް އޭއައިސީޑީ އިމްޕްލާންޓް ކާމިޔާބުކަމާއިއެކު ކޮށްފައިވާ ކަމަށްވެސް ސީއީއޯ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އުތުރުގައިވެސް މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވަމުން ޢަބްދުއްރައްޒާޤު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކެތްލެބެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެތަނުން ޖާގަ ހަމަޖެހުނުހާ އަވަހަކަށް އުތުރުގައި ކާޑިއެކް އިންޓަވެންޝަންތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރައްޒާޤު ވިދާޅުވީ، ހިތުގެ ބަލިތަކާއި، ނާރުގެ ބަލިތަކުގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ޚާއްސަ އިރުޝާދެއް ކަމަށެވެ. އަދި ކުރިން ބޭނުންނުކޮށް ހުރުމުގެ ސަބަބުން މައްސަލަ ޖެހިފައި ހުރި ކެތްލެބުގެ ޚިދުމަތްތައް އަލުން އިއާދަކޮށް ފަށާފައިވަނީ މި ސަރުކާރުގެ ބޮޑު އިސްކަމެއްގެ ދަށުންކަން އޭނާ ފާހަގަކުރެއްވިއެވެ.

