އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާޑިއެކް ސެންޓަރު (އެންސީސީ) އަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްފެއްދައިފިއެވެ.
އައިޖީއެމްއެޗުގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ޚިދުމަތް ދޭން ފަށާފައިވަނީ، 1 ޖުލައި 2016 ވަނަ އަހަރުއެވެ. މިއީ، މި ޚިދުމަތް ދޭންފެށިތާ 10 އަހަރު ފުރޭ އަހަރެވެ.
މި ރަސްމިއްޔާތުގައި، ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ޔުނިޓް އުފެދިގެން އައިގޮތާއި އަދި މި ޚިދުމަތް ފުޅާވެފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯވެސް ވަނީ އިފްތިތާޙު ކޮށްފައެވެ. އައު ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އެންސީސީއަކީ 24 ގަޑިއިރު ޚިދުމަތް ދޭ ސެންޓަރެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތައް ތަޙައްމަލު ކުރާ ފަރާތްތަކަށް ކުއްލި ޙާލަތްތަކުގައި ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެ ހޮސްޕިޓަލުން ބުނީ، މި ސެންޓަރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، މިހާރު ދެމުންދަނީ ސަރަޙައްދީ ފެންވަރުގެ ފަރުވާތަކެއް ކަމަށެވެ. އަދި މި ސެންޓަރު ހުޅުވި ފަހުން، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ ޢަދަދު ބޮޑުތަނުން މަދުވެފައިވާކަންވެސް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.
އެންސީސީން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރޭގައި ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ) ހެދުމާއި، އީސީޖީ ހެދުން އަދި އަލްޓްރާސޮނިކް ސައުންޑް ވޭވްސްގެ ޒަރިއްޔާއިން ހިތުގެ ހިނގުމާއި މަސައްކަތް ކުރާ ގޮތް ބެލުމަށް ހަދާ ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) ހެދުމާއި، ހިތާ ކައިރީގައިވާ ލޭހޮޅިތައް ހިނގަމުންދާ ގޮތް ބެލުމަށް ހަދާ އީކޯ ކާޑިއޯގްރާމް ޓެސްޓު ހެދުން ހިމެނެއެވެ. އެ ސެންޓަރުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

