ބ. އަތޮޅުގެ ވިޔަފާރީގެ މައިހަބެއްގެ ގޮތުގައި އޮންނަ އޭދަފުށީ ބަނދަރުގެ 54 އިން ސައްތަ މަސައްކަތް ނިމިފައިވާ ކަމަށާ އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އޭދަފުށި ބަނދަރު މަސައްކަތުގެ އަދާހަމަ ހިއްސާ ކުރައްވާ އެމްޓީސީސީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ކެޕިން ކޮންކްރީޓްގެ މަސައްކަތްތައް ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، ފަޅު އަލުން ފުންކުރުމާއި 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 402 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން 170 މީޓަރުގެ ބޭރުތޮށި ޖެހުމާއި 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.
މި މަޝްރޫޢުގެ ދަށުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕަކާއި 18 މީޓަރު ފުޅާ ފާލަމެއް ހެދުމާއ،ި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި އަދި މޫރިން ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ ސަރުކާރުން 64.67 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
އޭދަފުށީ ބަނދަރަކީ އަތޮޅުގެ އެހެން ރަށްރަށުން އެތައް އުޅަނދެއް ވަދެ ނުކުމެ ހަދާ ބަނދަރަކަށްވުމުން އެރަށުގެ ބަނދަރަކީ ތޮއްޖެހުން ބޮޑުބަނދަރެކެވެ. އޭދަފުށީގެ ބަދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

