މޯލްޑިވިސް އިންޑަސްޓްރިއަލް ފިޝަރިޒު ކޮމްޕެނީ (މިފްކޯ)އަށް މަސް ކިރުވި، ދޯނިތަކަށް 11.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 517 ދޯންޏަކުން ޖޫންމަހު މަސްކިރުވާފައިވެއެވެ. އަދި މި ދޯނިތަކަށް ޖުމްލަ 11،332،391 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން ވިދާޅުވީ، މިދިޔަމަހު ޖުމްލަ 568 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ. އެގޮތުން 484.4 ޓަނުގެ ކަޅު ބިލަމަސް ކިރުވާފައިވާއިރު، 9،326،901 ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 196 ދޯނިން ކިރުވާފައިވާ މަހެވެ.
ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 331،440 ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 212 ދޯންޏަކަށް 1،674،050 ވަނީ ދޫކޮށްފައެވެ.
ކަންނެލީގެ ފައިސާގެ ގޮތުގައި، މަސްވެރިންނަށް މިފްކޯއިން ވަނީ، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.
މީގެއިތުރުން، 10 ކިލޯއިން މަތީގެ 16.6 ޓަނުގެ ކަންނެއްޔަށްވާ ތިން ލައްކަ ރުފިޔާ މަސްވެރިން ވަނީ ދީފައެވެ.
މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބުމަކީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރި އާއިލާތަކަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެކެވެ. ފާއިތުވި އަހަރުތަކުގައި މަސްވެރިންނަށް ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.

