ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މުވައްޒަފުންނަށް އިންޒާރުދީ، ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން އެމްއޭސީއެލް އިން ބުނީ، އެއަރޕޯޓަކީ ސެކިއުރިޓީ ވަރުގަދަ ތަނަކަށް ވުމާއެކު، ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މުވައްޒަފުންނަށް އެކި ކަންކަމާ ގުޅޭ އިރުޝާދުތައް ދީ، ހަނދާން އައުކޮށްދިނުމަކީ އެ ކުންފުނިން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން ސެކިއުރިޓީ ފާސް ބޭނުންކުރުމާއި އުސޫލުތަކަށް ބޯލެނބުމަށް އެދި ދޭތެރެ ދޭތެރެއިން ސަރކިއުލަރތައް ނެރޭ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއަރޕޯޓުގެ ބެގޭޖް ކްލިއަރެންސް ސަރަޙައްދަށް މުވައްޒަފުން ވަދެ ފަސިންޖަރުންނާ މުޢާމަލާތް ކުރާތީ، ކަސްޓަމްސްގެ މަސައްކަތަށް ހުރަސްއެޅޭ ކަމަށް ބުނެ އެމްއޭސީއެލް އިން ވަނީ އިންޒާރު ދީފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ސަރކިއުލަރގައި ވާކަމަށް ވެސް އެ މީޑިއާތަކުން ބުނެފައިވެއެވެ.
ނަމަވެސް އެމްއޭސީއެލް އިން ބުނީ، މިއީ ވަކި ޚާއްޞަ ޙާދިސާއަކާ ގުޅިގެން ނެރުނު އެއްޗެއް ނޫން ކަމަށާއި، އެފަދަ އެއްވެސް ކަމެއް އެއަރޕޯޓުގައި ހިނގާފައި ނުވާ ކަމަށެވެ. “އެއަރޕޯޓުގެ ސެކިއުރިޓީ ކަންކަމަށް އެންމެ އިސްކަންދޭނެ އެއްބަޔަކީ މުވައްޒަފުން. އެހެންކަމުން ސެކިއުރިޓީ ކަށަވަރު ކުރުމަށް މުވައްޒަފުންނަށް އަބަދުވެސް ހަނދާން އައުކޮށްދިނުމުގެ ގޮތުން އެތެރޭގެ ސަރކިއުލަރތައް ނެރުމަކީ އާ ކަމެއް ނޫން،” އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނި ގޮތުގައި، ކުންފުނީގެ އުސޫލުގެ ދަށުން ނެރޭ މިފަދަ ސަރކިއުލަރތަކަކީ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކޮށް، އެއަރޕޯޓުގެ އަމާންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ބައެކެވެ. އެހެންކަމުން، މީޑިއާތަކުން މިކަން ސިފަކޮށްފައިވަނީ ހަގީގަތާ ހިލާފަށް ކަމަށް އެ ކުންފުނިން ތަކުރާރުކޮށް ބުނެފައިވެއެވެ.

