ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖުކުރާ ނިޒާމުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، 21 ރަށެއްގައި އަލަށް ބިނާކުރި ކުނި މަރުކަޒުތަކުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ 135 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ބައެކެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އާ މަރުކަޒުތައް ގާއިމުކުރުމުގެ އިތުރުން ހަތް ރަށެއްގައި ކުރިން ހުރި މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިހާރު ވަނީ ހުޅުވާފައެވެ.
ކުރިން ހުރި ނިޒާމުތައް އަދާހަމަކޮށް ހުޅުވި ރަށްތަކުގެ ތެރޭގައި ފ. މަގޫދޫ، ފ. ނިލަންދޫ، ދ. ރިނބިދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. މާމެންދޫ އަދި މ. ދިއްގަރު ހިމެނެއެވެ. މި ރަށްތަކުގައި ހުރި މަރުކަޒުތައް ވަނީ މިހާރުގެ ބޭނުންތަކަށް ފެތޭނެހެން އިތުރަށް ހަރުދަނާކޮށްފައެވެ.
މުޅިން އަލަށް މަރުކަޒުތައް ގާއިމުކުރި ރަށްތައް؛
ސަރުކާރުން އަލަށް ބިނާކުރި 21 މަރުކަޒު ހިމެނޭ ރަށްތަކުގެ ތެރޭގައި މ. އަތޮޅުގެ މުލައް، މުލި އަދި ކޮޅުފުށީގެ އިތުރުން ތ. އަތޮޅުގެ ބުރުނި، މަޑިފުށި، ގުރައިދޫ، ވަންދޫ، ތިމަރަފުށި، ކިނބިދޫ އަދި އޮމަދޫ ހިމެނެއެވެ. މީގެ އިތުރުން ލ. ދަނބިދޫ، ލ. ގަން، ށ. މިލަންދޫ، ށ. ކޮމަންޑޫ، ހދ. ހަނިމާދޫ، ހދ. ނައިވާދޫ، އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ، ކ. ހުރާ އަދި ކ. ހިންމަފުށީގައި ވެސް ވަނީ މި ނިޒާމުތައް ގާއިމުކޮށްފައެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުނި މެނޭޖުކުރާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ޝަކުވާއަކީ ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުން އެންމެ ބޮޑަށް ހުށަހެޅި އެއް މައްސަލައެވެ. އެހެންކަމުން، މި މަޝްރޫއަކީ އެ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސަރުކާރުގެ އަމާޒަކީ ބާކީ ހުރި ރަށްތަކުގެ މަސައްކަތްތައް ވެސް ހަލުއި ދުވެލީގައި ކުރިއަށް ގެންގޮސް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް މުޅި ރާއްޖޭގައި ބިނާކުރުމެވެ.

