މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަންޖެހޭ ޝީޓްޕައިލް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މިއީ މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް ކަމަށާއި، އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންގާރަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މިކަމަށް ބޭނުންވާ މެޝިނަރީތައް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މަގުގެ ދުވާރު ހެދުމާއި ޕާކިންގ ސަރަޙައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާއިރު، މުޅި މަޝްރޫޢު ޖުލައި 26 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ އެމަނިކުފާނު ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ފެށްޓެވި ރިންގް ރޯޑް މަޝްރޫޢުގެ މުހިންމު ބައެއް ކަމަށެވެ. "މާލޭގެ ވަށައިގެން ރިންގެއްގޮތަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމިގެންދާއިރު ބޭރުމަގަކީ ދެކޮޅަށް ދުއްވޭ ފުޅާމަގަކަށްވާނެ،" ރައީސް ވިދާޅުވިއެވެ. މި ބަދަލާއެކު މާލޭގެ އެތެރޭގެ މަގުތަކަށް ބާރުބޮޑުވާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކުރާނެއެވެ. މީގެ ކުރިން ވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާ ހަމައަށް ތާރުއަޅައި ނިންމާފައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ ފިޔަވަހި ނިމުމާއެކު، ނޯތު ހާބަރުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ސަރަޙައްދާ ހަމައަށް އޮތް ބައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

