ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހިން އާންމު ރައްޔިތުންނަށް ދޫކޮށްފައިވާ އަމިއްލަ ބިންތަކުގައި ވިޔަފާރިތަކާއި އެކި ކަހަލަ ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރި ލިފްޓުތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގެ ފޭސް 2 އަދި 3 އިން މާލޭގެ ރައްޔިތުންނަށް 2،000 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާއިރު، މިހާރު އޮތް އުސޫލުން އެ ބިންތައް ބޭނުންކުރެވެނީ ހަމައެކަނި ދިރިއުޅުމަށެވެ. ނަމަވެސް، މާލެއެކޭ އެއްފަދައިން ހުޅުމާލޭގައި ވެސް އަމިއްލަ ބިންތަކުގައި ޕްރައިވެޓް ސެކްޓަރުން އިންވެސްޓްކޮށް، ހޮސްޕިޓަލް ފަދަ ޒަރޫރީ ޚިދުމަތްތައް ދެވޭނެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، “އާއްމު ރައްޔިތުންނަށް ދޫކޮށްފައި މިހިރަ، ދެހާހަށްވުރެ ގިނަ ގޯތިތަކުގެ ތެރޭގައި މި ދެންނެވި ޚިދުމަތްތައް ދިނުމުގެ ފުރުޞަތު ފަހިކުރެވެންޖެހޭ. އިރާދަކުރެއްވިއްޔާ ސަރުކާރުން މަސައްކަތްކުރާނީ ހުޅުމާލޭގައި ހުރި ބިންތަކުން ރައްޔިތުންނަށް ފަސޭހަކަމާއި ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތަށް ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެވޭތޯ،” މިހެންނެވެ.
މި ބަދަލުގެ ސަބަބުން ބިން ލިބިފައިވާ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފައިދާވުމުގެ އިތުރުން، ހުޅުމާލޭގައި އާ ވަޒީފާތަކާއި ވިޔަފާރިތައް އުފެދި، މުޅި ސަރަހައްދުގެ އިގްތިސާދު ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމުގައި އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.
މީގެ އިތުރުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. ގިނަ އާއިލާތަކެއް ދެ ކޮޓަރީގެ ފްލެޓްތަކުގައި ދިރިއުޅެމުންދާއިރު، އާއިލާ ބޮޑުވުމުގެ ސަބަބުން އެއަށްވުރެ ތަނަވަސް ދިރިއުޅުމަކަށް ބަދަލުވުމުގެ ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ޑރ. މުއްތަލިބު ވިދާޅުވީ، ހުޅުމާލޭގައި ހުރި ތޮށްޖެހުމާއި ޚިދުމަތްތަކުގެ ދަތިކަމަށް ހައްލު ހޯދައިދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

