ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫޢު ނިންމައި، އައު ލިފްޓުތައް ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. މި މަޝްރޫޢަކީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މި މަޝްރޫޢު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢުގެ ދަށުން ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓު އިތުރުކޮށް، ޖުމްލަ 32 ލިފްޓު ވަނީ ހަރުކޮށްފައެވެ.
އަލަށް ހަރުކުރި ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ބަލިމީހުން އުފުލުމަށް ޚާއްޞަ ސްޓްރެޗަރ އެރުވޭނެ ފަދަ 21 މީހުންގެ ޖާގައިގެ ބޮޑު ލިފްޓަކާއި، އާންމުން ދަތުރުކުރުމަށް ބޭނުންކުރާނެ 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ. މި ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެކެވެ.
25 ފަންގިފިލާގެ ހިޔާ މަޝްރޫޢުގައި 6,720 ހައުސިންގ ޔުނިޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓްމަންޓް ހުރެއެވެ. އަދި ކޮންމެ ޓަވަރެއްގެ އާބާދީ 2,000 އާ ގާތްކުރެއެވެ. ޓަވަރުތައް ފުރަތަމަ ތަރައްޤީކުރިއިރު، އެތަންތަނުގައި ހަރުކޮށްފައިވަނީ ބަލިމީހުން އުފުލޭހާ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. މީގެ ކުރިން ކޮންމެ ޓަވަރެއްގައި ހުންނަނީ 3 ނުވަތަ 4 ލިފްޓެވެ. އެހެންކަމުން، އާބާދީ ބޮޑު މި ޓަވަރުތަކުގެ ރައްޔިތުންނަށް އަރައި ފޭބުމުގައި ކޮންމެ ދުވަހަކު ބޮޑެތި ކިއުތަކެއްގައި މަޑުކުރަންޖެހި، ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
މި މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަސައްކަތް ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ޙަވާލުކުރިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި މަޝްރޫޢު ނިމި، އައު ލިފްޓުތައް ބޭނުންކުރަން ފެށުމާއެކު ހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް އަރައި ފޭބުމުގައި ކުރިމަތިވަމުންދިޔަ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ވަގުތު ސަލާމަތްވެގެންދާނެ ކަމަށް ބެލެވެއެވެ.

