ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މިއަހަރު ދިވެހިރާއްޖޭގައި ބާއްވަން ނިންމައި، ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހާއި 31 ވަނަ ދުވަހު ނިވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ހާމަކުރެއެވެ. އަދި މިއީ އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ދެމެހެއްޓެނިވި އަދި ވަރުގަދަ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ މުހިންމު ސްޓްރެޓެޖީތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަޤްސަދުގައި ބާއްވާ ފޯރަމެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމަކީ ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަން އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް، އެއޯސިސް ގުޅިގެން ބާއްވާ ފޯރަމެކެވެ.
ވުޒާރާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކިއުއާރް ކޯޑް ނުވަތަ ލިންކު މެދުވެރިކޮށް ރެޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ފޯރަމުގެ ސަބަބުން، ސަރުކާރުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، މާލީ މުއައްސަސާތަކާއި، އެކި ކަހަލަ އުފެއްދުންތެރިންނާއި، އަދި އަމިއްލަ ކުންފުނިތައް އެއްތަނަކަށް ޖަމާވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓަށް ވަމުންދާ ގެއްލުންތަކާމެދެ ފިޔަވަޅުތައް އަޅާނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މީގެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ އަހަރު މޮރޮކޯގައެވެ. މި ފޯރަމް ބޭއްވީ “ކާބަން ނިއުޓްރަލް ސިޓީސް” މި ތީމްގެ ދަށުންނެވެ.
ދިވެހިރާއްޖޭގައި ބާއްވާ ރީޖަނަލް ގްރީން އިކޮނޮމިކް ފޯރަމް ބާއްވަނީ “ޝޭޕިން އަ ސަސްޓެއިނަބަލް އެންޑް ރެސިލިއަންޓް ފިއުޗާ ފޯ ދަ އޭޝިއާ-ޕެސިފިކް” ތީމްގެ ދަށުންނެވެ.

