ރާއްޖޭގެ އަތޮޅުތަކުގައި ތިބި މޮޅެތި ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިންނަށް ޤައުމީ ޓީމުން ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ވިސްނުން ކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ޅ. ހިންނަވަރުގައި އަލަށް ބިނާކުރި ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށްފަހު ދިވެހި އޮންލައިން މީޑިއާއަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވި، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެ ވަރަށް ބާރުސްޕީޑުގައި ކުރިއަށް ގެންދަވާ ކަމަށެވެ. އޭގެތެރޭގައ ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ކުޅިވަރާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މުހިންމު މަސައްކަތް ވެސް ހިމެނޭކަން ފާހަގަކުރައްވާ ވަޒީރުވަނީ މިހާރު އެ މަސައްކަތްވެސް ނިމިފައިވާކަން ހާމަކުރައްވާފައެވެ.
ހަމައެހެންމެ އަތޮޅުތަކުގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރީޖަނަލް އެސޯސިއޭޝަންތަކެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާ ވަޒީރު ވަނީ، އެސޯސިއޭޝަންތައް މެދުވެރިކޮށް ރަށްރަށުގައި ހިންގޭ ކުޅިވަރު ހަރަކާތްތައް ބަލަހައްޓައި، އިތުރަށް ފުޅާކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރަށްތަކުގައި ފުޓުބޯޅަ ކުޅެން ވަރަށް ރަނގަޅު، ހުނަރުވެރި ކުޅުންތެރިން ތިބިއިރު އެ ކުޅުންތެރިންނަށް ގައުމީ ފެންވަރުގައި ކުރިއަށްދާނެ ނުވަތަ ޤައުމީ ޓީމަށް ދެވޭނެ ފަހި މަގުތަކެއް ތަނަވަސްވެފައި ނެތުމުން ހުނަރު މުޅި ރާއްޖެއަށް ދައްކާލުމަށް ފުރުސަތު ގެއްލިފައިވާ ވުން ނިމުމަކަށް ގެންނަވާ، އެސޯސިއޭޝަންތަކުގެ އެހީގައި ޤައުމީ ފެންވަރުގައި ކުޅުމުގެ މަގު ހުޅުވާލަ ދެއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު އެކަން ސިފަކުރެއްވީ ރާއްޖޭގެ ކުޅިވަރުގެ މުސްތަޤުބަލަށްޓަކައި ކުރެވޭނެ އެންމެ ފައިދާހުރި މަސައްކަތުގެ ގޮތުގައެވެ.

