އޯގަސްޓް މަހުގެ ނިޔަލަށް، ހުރިހާ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް ޑިޖިޓަލް ކުރަން ނިންމާފައިވާ ސަރުކާރުން ހާމަކުރައްވައިފިއެވެ.
މިފަދައިން ހާމަކުރައްވާފައިވަނީ، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންލައިންކޮށް، 24 ގަޑިއިރު ފޯރުކޮށްދެމުން ދާކަމަށެވެ. ނަމަވެސް އެ ޚިދުމަތް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެގޮތުން، ވަންގަވް މެދުވެރިކޮށް މިހާރު ބޭނުންކުރާ ސިސްޓަމަށްވުރެ ޒަމާނީ އަދި ފެންވަރު ރަނގަޅު ސިސްޓަމެއްގެ ތެރެއިން ޚިދުމަތްތައްދެވޭގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބަދަލާއެކު ދަތުރުފަތުރުގެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
އެއްގަމު ދަތުރުފަތުރުގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ފަދައިން، އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލެވޭނެ ކަމަށެވެ.

