ހުޅުމާލޭގައި ހުރި އަންމު ރައްޔިތުންގެ ގޯތިތަކުގައި އިންވެސްޓުކޮށް، ރައްޔިތުންނަށް ޚިދުމަތްތަކެއް ގާއިމުކޮށްދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމާ އެއީ މުހިއްމުކަމެއް ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރި 32 ލިފްޓް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި “މަގޭ ހިޔާ” ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއިރު އާންމުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ވެސް ގާއިމުވެފައި ނެތުމުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށެވެ. އެގޮތުން ހިދުމަތް ހޯދުމަށް ހުޅުމާލެ ފުރަތަމަ ފިޔަވައްސަށާއި މާލެއަށް ދާން ޖެހުމަކީ ރައްޔިތުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ދެހާހަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށާ އަދި މިހާރު އެ ބިންތަކަކީ ހަމައެކަނި ދިރިއުޅުމަށް ބޭނުންކުރެވޭ ގޮތަށް ހުރި ބިންތަކެއް ނަމަވެސް، އެ ތަންތަނުގައި ޕްރައިވެޓް ސެކްޓަރުން އިންވެސްޓުކޮށްގެން ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކޮންމެ ހިދުމަތަކީ އެޗްޑީސީގެ ބިމަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތަކަށް ވާކަށް ނުޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައި ޕްރީސްކޫލްތަކާއި، ކްލިނިކްތަކުގެ އިތުރުން ޝޮޕިން ކޮމްޕްލެކްސް ފަދަ ތަންތަން ތަރައްގީކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަން ހާމަކުރައްވާފައެވެ. މިކަމުގެ ސަބަބުން ބިން ލިބިފައިވާ ފަރާތްތަކަށް މާލީ ފައިދާ ލިބުމުގެ އިތުރުން، ދެވަނަ ފިޔަވަހީގެ އިގްތިސޯދު ފުޅާވެ، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

