ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދަށް ޖުލައި މަސް ފެށުމާއެކު އިތުރވާން ފަށަފައިވާކަން ހާމަވެއްޖެއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ ފުރަތަމަ 4 ދުވަހު ރާއްޖެއަށް 22،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
އެގޮތުން ރާއްޖެއަށް 22,636 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 22,297 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 1.5 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ ހަތަރު ދުވަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް ކުރިއެރުމެއް އައިސްފައިވާކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ މަހު އެވްރެޖުކޮށް ދުވާލަކު 3،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރިނަމަވެސް، މިމަހު އެވްރެޖުކޮށް ދުވާލަކު 5،000 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މި މަހުގެ 4 ވަނަ ދުވަހު އެކަނި 6,434 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ޗައިނާއިން 174,201 ފަތުރުވެރިން (16.3% މާކެޓް ހިއްސާ) ޒިޔާރާތްކޮށްފައިވެއެވެ.

