ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ހިޔާ ޓަވަރުތަކުގައި އައު ދެ ލިފްޓު ބެހއްޓުމާ އެކު ރައްޔިތުންނަށް ބޮޑެތި ލުއި ފސެހަތަކެއް ދެން ލިބިގެން ދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންތު ކޯޕަރޭޝަން،(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އެމްޑީ މިފަދައިން ވިދޅާުވީ، ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރި 32 ލިފްޓް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި “މަގޭ ހިޔާ” ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ހިޔާ ފްލެޓްގެ ރައްޔިތުން އުފުލި އެންމެ ބޮޑު އެއް ތަކުލީފަކީ ލިފްޓަށް މަޑުކުރަން ޖެހުމުގެ ސަބަބުން ގިނަ ވަގުތުތަކެއް ގެއްލިގެން ދިއުންކަން ފާހަގަކުރައްވާ ޒުހެއިރު ވިދާޅުވީ، ލިފްޓްތަކުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، ހިޔާ ޓަވަރުތަކަށް ފަސޭހައިން އެމްބިއުލަންސް ވަދެ ނިކުމެވޭނެ އިންތިޒާމް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. ޒުހައިރު ވިދާޅުވީ މިއީ ރައްޔިތުންގެ އަޑުއައްސަވައިގެން ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މުހިންމު ނަތީޖާއެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހިމެނޭހެން ޖުމްލަ 32 ލިފްޓް ވަނީ ހަރުކޮށްފައިވާއިރު، އެއިން ކޮންމެ ލިފްޓަކީ އެއްފަހަރާ 21 މީހުންނަށް އަރާފޭބޭނެ ޒަމާނީ ފެންވަރުގެ ލިފްޓްތަކެއް. ކަމަށާ އަދި ބަލި މީހުން އުފުލުމަށް ބޭނުންވާ ސްޓްރެޗާ ވެސް ފަސޭހައިން ވެއްދޭނެ ޖާގަ ތަނަވަސް ލިފްޓްތަކެއް ކަމަށްވެސް ޒުހެއިރު ވިދާޅުވެފައިވެއެވެ.
ހުޅުމާލެއަކީ ހުރިހާ ގޮތަކުން އަމާން އަދި ނަމޫނާ ސަހަރަކަށް ހަދާ، ހުޅުމާލޭގެ ބިނާވެށި ތަރައްގީކުރުމާއި، ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ޒުހެއިރު ވަނީ ރޭގެ ވާހަކައިގައި ދެއްވާފައެވެ.

