ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
ހުސްވެފައިވާ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ވަނީ ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުالله އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާޠިމަތު އަމީޒާގެ ނަމެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، މި ދެ ބޭފުޅުންނަކީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެންމެ އެކަށީގެންވާ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށެވެ.
ރައީސްގެ ސިޓީފުޅުގައި އިސްކަން ދެއްވައިފައިވަނީ ޙަލީމަށެވެ.
ޙަލީމަކީ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިލާ އެއާ ކުންފުނީގެ ހެޑް އޮފް ފައިނޭންސެވެ. މާލީ ދާއިރާއަށް 17 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޙަލީމް ވަނީ އޮޑިޓްކުރުމާއި މާލީ ކަންކަން ބެލެހެއްޓުމުގައި މުހިންމު ދައުރުތައް އަދާކުރައްވައިފައެވެ.
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓަށް ލަފާދޭ ކޮމިޓީގައިވެސް މަސައްކަތްކުރައްވާ ޙަލީމަކީ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީމާ)ގެ މެންބަރެއް ވެސްމެއެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ޕްރޮފެޝަނަލް އެކައުންޓަންސީން މާސްޓާސް އޮފް ސައިންސް ވެސް ހާސިލްކުރައްވައިފައެވެ.
ފާތިމަތު އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިގެން ހުންނެވި، މިހާރުވެސް ޓެކްސް އިދާރާގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހަށް ހުށަހެޅި މި ދެ ނަން ދިރާސާކުރުމަށް މިހާރު ވަނީ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

