ރާއްޖޭގެ މަޝްހޫރު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާ އާ ފިލްމު “ޖަންނަތު” ރިލީޒްކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، އެ ފިލްމުގެ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި އައިލެންޑް ސިނެމާ ހަމަޖައްސައިފިއެވެ.
މި ފިލްމު އޮލިމްޕަސް ސިނެމާއަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.
އައިލެންޑް ސިނެމާއަކީ ދިވެހި ފިލްމުތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ހިސާބުތަކުގައި އެޅުވުމުގެ މަސައްކަތް ކުރަމުންދާ، ބެލުންތެރިންނާއި ޕްރޮޑިއުސަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން މީގެ ކުރިން ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތައް ކަމަށްވާ “ކަމަނާ”، “ކަނބުލޮ” އަދި “އަލްވަދާޢު” އަކީވެސް އެ ޓީމުން އެޅުވި ފިލްމުތަކެކެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ “އަލްވަދާއު” އަދި “އަލިފާން” ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ހުނަރުވެރި ޑައިރެކްޓަރު ޢަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ފިލްމުގެ ސިނަމެޓޯގްރަފީ ހަދާފައިވަނީ، ދާދިފަހުން ނުކުމެ ސިނަމެޓޯގްރަފީގެ ގޮތުން ބޮޑު އިންގިލާބެއް ގެނައި ފިލްމު “ބިބީ” ގެވެސް ސިނަމެޓޯގްރަފީ ހެދި އަޙްމަދު ޒިފާފު އެވެ. މި ފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ޝަރަފު ޢަބްދުﷲ (ޝަރަފް)، އާމިނަތު ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ އަދި އަންޖީގެ އިތުރުން، ފިލްމުގެ ޓައިޓްލް ރޯލުން ފެންނަ މަހްރީން މުޙައްމަދު ޢަލީއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އާންމުކުރި “ޖަންނަތު” ގެ ފުރަތަމަ ޓީޒާއާއެކު ބެލުންތެރިންގެ މެދުގައި ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ. ޓީޒާއިން ފެންނަ ގޮތުގައި ފިލްމުގެ ބަތޮލު ޝަރަފް ފެންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައެވެ. ނަމަވެސް، މަގުމަތިން ހިނގާފައި ދާއިރު އޭނާގެ ދަރިފުޅާއެކު ހިތުން ހަދައިގެން މިލިއަނުން މަތީގެ ބޮޑެތި ނަންބަރުތައް ކިޔާ މަންޒަރުން، އޭނާއަކީ ނުކުޅެދުންތެރިކަން ހުރި ނަމަވެސް އާދަޔާ ޚިލާފަށް ތޫނުފިލި މީހެއްކަން ހާމަވެއެވެ. މީގެ އިތުރުން، ބައްޕަގެ ނުކުޅެދުންތެރިކަމާއެކު ވެސް ބައްޕަދެކެ ދަރިފުޅު ވާ ފުން ލޯބި މި ޓީޒާއިން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.
އެހެންކަމުން، “ޖަންނަތު” ވެގެންދާނީ ދިވެހި ސިނަމާއަށް އަންނާނެ ތަފާތު އަދި ރީތި ފިލްމަކަށް ކަމަށް ގިނަ ބަޔަކު ލަފާކުރާއިރު، ބެލުންތެރިން މިހާރު ތިބީ މި ފިލްމު ބަލާލުމަށް ކެތްމަދުވެފައެވެ.

