ހދ. ހަނިމާދޫގައި އަޅަމުންދާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަކުރައްވައިފިއެވެ.
މި ފަދައިން ހާމަކުރައްވާފައިވަނީ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ކުންފުނިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު އެ ސަރަހައްދުގައި ކުރިއަށް ދަނީ އެ ތަނުގައި ކޮންކުރީޓް މަސައްކަތް ކުރުމަށް ބޭނުންވާ ފިލާ ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މިސްކިތުގެ މަސައްކަތަކީ އެ މަސައްކަތް ނުނިމި ހުއްޓިފައިވަނިކޮށް، އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި، 360 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށް އެމްޓީސީސީއާއި ހަވާލުކުރި މަސައްކަތެކެވެ.
500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭގޮތަށް، 7933 އަކަ މީޓަރުގެ ސަރަޙައްދެއްގައި އިމާރާތްކުރަމުންދާ މިސްކިތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށެވެ.

