ސައުދި އަރަބިއްޔާގެ ޚާއްސަ ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި، ސައުދިއަރަބިއްޔާގެ ވަފުދާއެކު އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް-ޤަޙްޠާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު، ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ދީލަތިކަން ޚާއްސަގޮތެއްގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ސައުދީން ދެއްވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން އެ ބޭފުޅުންނަށް ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި ފުރިހަމަ މެހުމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ، އުޚުއްވަތްތެރި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ދެ ފަރާތުންވެސް ވަނީ ފާޅުކުރައްވާފައެވެ. މިއީ ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ސައުދީ ވަފުދާއެކު ބޭއްވެވި މި މުހިންމު ބައްދަލުވުމުގައި ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

