ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ “ޑަޒަލެކްސް” ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް ދުނިޔޭގެ ބާޒާރުގައި އުޅޭކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ ރާއްޖެއިން ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މައްސަލަ ރާއްޖޭގެ އިތުރުން މެކްސިކޯއިން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން މިދިޔަ މެއި އަދި ޖޫން މަހުގެ ތެރޭގައި ކަމަށެވެ. މި ފޭކް ބޭސްތައް ފެނިފައިވަނީ ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުންނާއި ބައެއް ހޮސްޕިޓަލްތަކުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ރާއްޖެ ފަދަ ކުޑަ ގައުމަކުން މިފަދަ ކަމެއް އަމިއްލައަށް ދެނެގަނެ ރިޕޯޓުކުރުމަކީ ރާއްޖޭގައި ބޭސްތައް ޓެސްޓުކުރުމާއި މޮނިޓަރ ކުރުމުގެ ނިޒާމު ހަރުދަނާކަން ހާމަވާ ކަމެއް ކަމަށެވެ. މި ބޭހަކީ ރާއްޖޭގެ އެއްވެސް ބޭސް ފިހާރައަކުން ވިއްކި ބޭހެއް ނޫން ކަމަށާއި، މިއީ ރާއްޖެއިން ބޭރަށް ކެންސަރުގެ ފަރުވާއަށް ދިޔަ މީހެއްގެ ޕްރިސްކްރިޕްޝަނަށް ރާއްޖެއަށް ގެނައި އިންޖެކްޝަނެއް ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން އިތުރަށް ބުނި ގޮތުގައި، ޑޮކްޓަރަށް ދެއްކުމުގެ މަރުހަލާގައި އެ އިންޖެކްޝަނަކީ ފޭކް އެއްޗެއްކަން ފާހަގަވުމާ ގުޅިގެން، އެއްވެސް ބަލިމީހެއްގެ ގަޔަށް އެ އިންޖެކްޝަން ޖަހާފައެއް ނުވެއެވެ. “ޑާޒަލެކްސް” އަކީ އާންމުކޮށް “މަލްޓިޕަލް މައިލޯމާ” ނަމަކަށް ކިޔާ ކެންސަރުގެ ބާވަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.
މި ބޭހުގެ އަސްލު ނޫން އިންޖެކްޝަންތައް ދައުރުވަމުންދާތީ، އޭގެ ސަބަބުން ބަލިމީހުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ވަނީ ދީފައެވެ. އަސްލު ނޫން މާއްދާތައް ހުރުމުގެ ސަބަބުން ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ފުރިހަމަ ނުވުމާއި، އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

