ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް މަރުވެފައިވާ 30 ފޫޓުގެ ބޮޑުމަހެއް ލައްގައިފިއެވެ. މި ބޮޑުމަސް ފެނިފައިވަނީ އެ ރަށުގެ ހުޅަނގު ފަރާތު ފަރުމަތިންނެވެ.
ހޯރަފުށީ ކައުންސިލުން މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މަރުވެފައި އޮތް މި ބޮޑުމަސް ފެނުމާ ގުޅިގެން އެ ތަކެތި ނައްތާލުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ. މި މަސައްކަތުގައި ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ފުލުހުންނާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ބޮޑުމަސް އެއްގަމަށް ނެގުމަށްފަހު މިހާރު ވަނީ ވަޅުލާފައެވެ. ކައުންސިލުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ޑިންގީއެއްގައި ކަފު ޖަހައިގެން ބޮޑުމަސް އެއްގަމަށް ކައިރިކުރުމަށްފަހު، އެކްސްކަވޭޓަރެއް ބޭނުންކޮށްގެން އެ ރަށުގެ ގޮނޑުދޮށުގައި ބޮޑު ވަޅުގަނޑެއް ކޮނެ ވަނީ ވަޅުލާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށަށް މީގެ ކުރިން ވެސް މިގޮތަށް މަރުވެފައިވާ ބޮޑުމަސް ލެއްގުމުގެ ހާދިސާތައް ހިނގާފައިވެއެވެ. މިފަދަ ހާދިސާތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ސިއްހީ ރައްކާތެރިކަމަށްޓަކައި އެ ތަކެތި އެއްގަމަށް ނަގައި ވަޅުލުމެވެ.

