އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާ ޚާއްސަ ހަރަކާތެކެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން ޒުވާން ޚަޠީބުންގެ ތަމްރީން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކާއި، ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްފައިވާ ޙާފިޡުންނަށް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ޒުވާނުންނަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ދީނީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޡުންނަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީއަށް މިހާރު ވަނީ ދަޢުވަތު އަރުވާފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިހާރު 621 ޒުވާން ޚަޠީބުން ތިބިއިރު، ޙާފިޡުންގެ އަދަދު ވަނީ 310 އަށް އަރާފައެވެ. މި މަހާސިންތާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
މި މަހާސިންތާގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

