2 ވަނަ ޓާމް ފެށޭއިރު ގިނަ ސްކޫލެއްގައި އޭސީ ހަރުކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ރާއްޖޭގަައި ހިންގާ 217 ސްކޫލްގެ ތެރެއިން މިހައިތަނަށް 61 ޕަސެންޓު ސްކޫލްތަކުގައި އޭސީ ހަރުކޮށް ނިންމާފައިވާ ކަމަށެވެ.
އަދި ބާކީ ހުރި ސްކޫލްތަކަށް ބޭނުންވާ އޭސީތައް ފޮނުވައި ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ސްކޫލްތަކުގެ ތެރޭގައި 45 އަހަރަށްވުރެ ދުވަސްވެފައިވާ ސްކޫލްތައް ހިމެނޭތީ އެ މަސައްކަތް ނުކޮށް އޭސީ ހަރުނުކުރެވޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ބާކީ ހުރި ސްކޫލުތައްވެސް އޭސީކޮށް ނިންމަން ނަމަވެސް، ގޮންޖެހުންތައް ގިނަކަމުން ލަސްވަމުންދަނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ހުރި ގޮންނޖެހުންތަކާ އެކު ވެސް، ސަރުކާރުގެ ޓާގެޓަކީ ދެވަނަ ޓާމު ފެށެންވާއިރަށް ގިނަ ސްކޫލްތަކުގައި މި މަސައްކަތް ނިންމާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު ސަރުކާރުން ފެށީ ޖޫން 2، 2024 ގަ އެވެ. އެ މަޝްރޫއު ފެނަކަ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 12، ގައި 55 މިލިއަން ރުފިޔާއަށެވެ. ފަހުން އެ މަޝްރޫއު ވަނީ އެސްޓާސްއާ ހަވާލުކޮށްފައެވެ.

