ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށް އަމާން އަދި ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ ޕޭވްމަންޓްތަކުގައި އުޅަނދުތައް ޕާކުކުރުން އިތުރުވަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
އެ މުއައްސަސާއިން ވަނީ، ފައިމަގުގައި ހިނގުމަށް ޚާއްސަކޮށްފައިވާ ދުވާރުމައްޗާއި އެފަދަ އެހެނިހެން ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ އަދި ޕާކުކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮދީފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ބޮޑެތި މަގުތަކާއި ގޯޅިތަކުގައި ހިނގާ މީހުންނަށް ހާއްސަކޮށްފައިވާ ޕޭވްމަންޓްތަކުގެ މަތީގައި ސައިކަލާއި އެހެނިހެން އުޅަނދުތައް ޕާކުކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން، ހުޅުމާލޭގެ ފްލެޓް އިމާރާތްތަކުގެ ދެމެދުގައި މީހުން ހިނގާލުމަށް ހާއްސަކޮށް ހަދާފައިވާ ހަނި މަގުތަކުގައި ވެސް އުޅަނދު ދުއްވުމާއި ޕާކުކުރުން މިހާރު އާންމު ކަމަކަށް ވެފައިވާކަން ފުލުހުން ފާހަގަކުރައްވާފައިވެއެވެ.
ފުލުހުން ވަނީ ހުރިހާ ރައްޔިތުންވެސް މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިނުވާނެހެން އުޅަނދުތައް ޕާކުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ދުވާރުމަތީގައި ޕާކުކުރާ މައްސަލައާ ގުޅިގެން އާންމުންގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހާއްސަކޮށް، މަގުގެ ދެ ފަރާތުގައި ޕާކުކުރުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވުމާއި، ޕޭވްމަންޓްތައް ބަންދުވުމުގެ ސަބަބުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް މަގުމަތީގައި އުޅެން ޖެހުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެއްގެ ގޮތުގައި އާންމުން ސިފަކުރެއެވެ.

