ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފިއެވެ.
ދިޔާނާ ސަފީރު ކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނަން ފޮނުއްވީ އިއްޔެގެ ވަގުތެއްގައެވެ. އެއާއެކު ދިނާޔާ އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވާ ދިޔާނާގެ ނަން ދިރާސާކުރުމަށް ރިޔާސަތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.
ދިޔާނާ ވަނީ މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައެވެ.

